ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީގެ އަމިއްލަ މަސްލަހަތު ކުރިއަށް ނެރުއްވުމަކީ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ސުލޫކުން ބޭރުވުން

ޤާނޫނުއަސާސީ 285ވަނަ މާއްދާއިން ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ދީފައިވާ ބާރުބޭނުންކޮށް މަސްޢޫލިއްޔަތުއަދާކުރުމާ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަދި ކޮމިޝަނުގެ ރައީސް އަލްފާޟިލް މުޖުތާޒު ފަހުމީގެ އަމިއްލަ މަސްލަހަތާ ތަޢާރުޒުވުމުން، ޤާނޫނުއަސާސީގެ ބާރުކަނޑުވައި، މަޤާމުގެ ނުފޫޒާ ބާރުން ދައުލަތާއި ރައްޔިތުންނަށް ލިބެންއޮތް މަންފާ އާ ފައިދާއެއް ނިގުޅައިގަތުން

• ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީގެ މުޤައްރިރުކަމުގައި، ފަނޑިޔާރުންގެ އަލުން އައްޔަނު ކުރުމުގައި ފަނޑިޔާރުކަމުގެ ޝަރުތުތައް އެމީހަކު ކިބައިގައި ހުރިތޯ ބެލުމަށް ބަލާނޭ މިންގަނޑެއްގެ ޑްރާފްޓް ތައްޔާރުކޮށް ކޮމިޝަނުގެ މަޝްވަރާއަށް ގެނައުމަށް 26 އޯގަސްޓް 2009 ގައި ޖުޑިޝަލް ސަރވިސް ކޮމިޝަނުން ހަވާލުކުރެއްވިއެވެ. އެހެންނަމަވެސް، މީގެ ފަހުން 6 (ހައެއް) މަސްދުވަސް ފާއިތުވެދިޔައިރުވެސް މި ކޮމިޓީގެ ބައްދަލުވުމެއް ބާއްވާ މި މަސައްކަތް ކުރުމަށް އަލްފާޟިލް މުޖުތާޒު ފަހުމީއަކަށް ވަގުތެއް ނުދެއްވުނެވެ.

• މި މަސައްކަތް ލަސްވެގެން މި ޝަކުވާ ކޮމިޝަނުގެ ޖަލްސާތަކުގައި ގިނަވެފައިވަނިކޮށް، ކުއްލި ގޮތަކަށް ހައިކޯޓުގެ 3 ފަނޑިޔާރެއް ގުޅިގެން ނެރުއްވި ޤަރާރަކުން ހައިކޯޓުގެ އިސް ފަނޑިޔާރު އަދި ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޢަބްދުލްޣަނީ ޖުޑިޝަލް ސަރވިސް ކޮމިޝަނުން ވަކިކުރެއްވުމަށްފަހު، ހައިކޯޓު ޤަރާރު ނެރުއްވި 3 ފަނޑިޔާރުންގެ ތެރެއިން އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ކޮމިޝަނަށް ވަޑައިގަތުމުން؛ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. މުޙައްމަދު ލަތީފުގެ މުޤައްރިރުކަމުގައި ހައިކޯޓު ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ދަށުކޯޓުތަކުން އިންތިޚާބުކުރައްވާފައިވާ ޖިނާޢީކޯޓުގެ ފަނޑިޔާރު އަލްފާޟިލް ޢަބްދުﷲދީދީ އާއި، ރިޔާސަތުގައި އިންނެވި މުޖުތާޒު ފަހުމީއަށް ފެނިވަޑައިގެންނެވި ބޭރުގެ 2 ފަނޑިޔާރުން ހިމަނުއްވައި ކޮމިޓީއެއް އުފެއްދެވިއެވެ.

• 18 ފެބްރުއަރީ 2010ގައި އުފެއްދި އެކޮމިޓީ އަކީ “ފަނޑިޔާރުންގެ ކޮމިޓީ” އެއް ކަމުން މަސައްކަތް ކުރިއަށް ދިޔައީ ޤާނޫނުއަސާސީގެ 285ވަނަ މާއްދާގެ މަޤްޞަދާ ރޫޙާ އަދި އަކުރާވެސް ދުރުންނެވެ. ޤައުމީ މަސްޢޫލިއްޔަތަށްވުރެ، އަދި ފަނޑިޔާރުގޭގެ މަސްލަހަތަށްވުރެ، ފަނޑިޔާރުންގެ ގޮތުގައި ތިބި މީހުންގެ މަސްލަހަތަށް އިސްކަންދީގެންނެވެ. ކޮމިޓީގައި މަސައްކަތްދާގޮތާ ކަންބޮޑުވެ، އެކޮމިޓީގެ މުޤައްރިރު ޑރ. މުޙައްމަދު ލަތީފާ ވާހަކަ ދެއްކުމުން ވިދާޅުވަނީ “މެމްބަރަށް ތިވާހަކަތައް ކޮމިޝަނުގައި ނެންގެވޭނެ” ކަމަށެވެ.

• ޑރ. ލަތީފު ކޮމިޓީގެ ރިޕޯޓް 24 ފެބްރުއަރީގައި ހުށަހެޅުމުން މަޝްވަރާކުރާނޭ ކަންތައްތައް ހުރިކަމަށާއި މި މަސައްކަތުގެ މަޤްޞަދަކީ ކޮބައިތޯ ދެނެގަނެގެން ކުރިއަށްދިޔުން މުހިއްމުކަމުގައި ވާހަކަ ދެކެވުނު ނަމަވެސް ރިޔާސަތަކަށް މިވާހަކަތަކެއް އިވިވަޑައެއް ނުގަތެވެ!

• 24 ފެބްރުއަރީގައި ކޮމިޓީގެ ރިޕޯޓް ބަލައިގަތުމަށްފަހު، އިތުރަށް މަޝްވަރާކުރުމެއްނެތި، އަދި ރިޕޯޓް ހުށަހެޅުއްވި ދުވަހު ދެކެވެމުންދިޔަ އެއްވެސް ވާހަކައަކަށް ސަމާލުކަމެއްނެތި ކޮމިޝަނުގެ ރައީސް އަލްފާޟިލް މުޖުތާޒު ފަހުމީ އެ ރިޕޯޓް ހުރިހާ ފަނޑިޔާރުންނަށް ފޮނުއްވިއެވެ. ކޮމިޝަނުން އެއްބަސްވީ ކޮމިޝަނުން ކަނޑައަޅާ މިންގަނޑު ފަނޑިޔާރުންގެ ކޮމެންޓަށް ފޮނުވުމަށެވެ. ޑރ. ލަތީފު ކޮމިޓީ ރިޕޯޓަކީ ކޮމިޝަނުގެ ނިންމުމެއްނޫނެވެ.

• ދެން އިތުރަށް މި މައްސަލައިގައި ވާހަކަ ދެއްކުމަށް ރިޔާސަތުން އެޖެންޑާ ކޮށްދެއްވީ 2 މެއި 2010 ގައެވެ. އެދުވަހު ޖަލްސާ ފަށްޓަވަމުން ރިޔާސަތުގައި އިންނެވި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީ ވިދާޅުވީ އެ މިންގަނޑަކީ ކޮމިޝަނުން އިއްތިފާޤުވެފައިވާ ކަމެއް ކަމަށެވެ!

. ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން މިހާރު ވަޒީފާގައި ތިބި ފަނޑިޔާރުން އަލުން ޢައްޔަނުކުރުމަށް މިންގަނޑެއް ކަނޑައެޅުމާބެހޭގޮތުން ކޮމިޓީން ރިޕޯޓެއް ތައްޔާރުކުރައްވާފައިވާކަަމަށާއި ބައެއް އަތޮޅުތަކަށާއި މެޖިސްޓްރޭޓުންނާއި ޤާޟީންނަށް ކޮމެންޓެއް އޮތްތޯ ބެއްލެވުމަށް ފޮނުއްވާފައިވާކަމަށާއި އަދި ބައެއް ކޮމެންޓްސްތައް ކޮމިޝަނަށް ފޮނުއްވާފައިވާކަމަށް ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޖުތާޒް ފަހުމީ ވިދާޅުވިއެވެ. އަދި ކުރިން ކޮމިޝަނުން މިރިޕޯޓަށް އިއްތިފާޤުވެފައިވީކަމުގައިވިއަސް މިއަލުން ތާޒާކޮށްލެއްވުމަށް ފެނިވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

• ހުށަހެޅި އިޞްލާހުތަކުގެތެރެއިން، ރައްޔިތުންގެމަޖިލީހުގެ ރައީސް ހުށަހެޅުއްވިކަމަށް ރިޔާސަތުން ބުނާ، ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީގެ އަމިއްލލަ މަސްލަހަތާ ތަޢާރުޒުނުވާ ކަމެއް ފިޔަސވައި އެހެން އެއްވެސް ހުށަހެޅުމެއް ބަލައެއް ނުގަތެވެ. މަޝްވަރާއެއްވެސް ނެތެވެ. ވޯޓަކަށް އެއްސެވުމެއްވެސް ނެތެވެ!

• ވޯޓައް އެއްސެވީ އެންމެ ކަމަކަށް ކަމުގައިވީއިރު އެވޯޓުވެސް ފާސްވިކަމަށް ނިންމެވީ ޖަލްސާއަށް ހާޟިރުވެވަޑައިގެން ތިއްބެވި 8 މެމްބަރުންގެ ތެރެއިން 4 މެމްބަރުންގެ ވޯޓުންނެވެ!

• 285ވަނަ މާއްދާގައި ބުނާ ފަނޑިޔާރެއްގެ ޝަރުތު ފުރިހަމަވޭތޯ ބެލުމަށް، ފަނޑިޔާރުންނާބެހޭ ޤާނޫނެއް ނެތްހިނދު، ޖުޑިޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ މިންގަޑަކީ ފަނޑިޔާރުންގެ މަސްލަހަތާ ގުޅުން ހުރިކަމެކެވެ. ރެކޯޑުގައި ފަނޑިޔާރެއްގެ އަމާނާތްތެރިކަމާ ތެދުވެރިކަމާ މެދު ޝައްކު އުފެދޭ ކުޑަވެސް ކަމެއް އޮތްނަމަ، އަޚްލާޤު ބެލުމަކީ އެ ފަނޑިޔާރެއްގެ އަމިއްލަ މަސްލަހަތާ ތަޢާރުޒުވާ ކަމެއް ނޫންކަމުގައި ބުނެވޭކަށްނޯންނާނެއެވެ.

• އަދި ހުށަހެޅި އެއްވެސް އިޞްލާހެއް ކޮމިޝަނުގައި މަޝްވަރާނުކުރިތާ، ކޮމިޝަނަށް އިއްވުމަށްވެސް އިންކާރު ކުރެއްވީ ރިޔާސަތުގައި އިންނެވި ސުޕްރީމްކޯޓުގެ ފަނޑިޔާރު މުޖުތާޒު ފަހުމީގެ އަމިއްލަ މަސްލަހަތާ ތަޢާރުޒުވާކަމުންކަމީ ވަރަށް ސާފުކޮށް ފެންނާން އޮތް ހަޤީޤަތެކެވެ.

• އަދި، ކޮމިޝަނުގެ މެމްބަރުން މިކަމުގައިވެސް (އާދައިގެމަތީން) މަސައްކަތް ކުރެއްވީ ރައްޔިތުންގެ ލާބައާއި މަންފާ، އަދި ޤައުމީ މަސްޢޫލިއްޔަތުގެ ކުރިއަށް ފަނޑިޔާރުންގެ ފަރުދީ މަސލަހަތު ކުރިއަށް ނެރެގެންކަމީވެސް ވަރަށް ސާފުކޮށް ފެންނާން އޮތް ހަޤީޤަތެކެވެ.

• ނޫސްވެރިން ފަނޑިޔާރުންނާ ފަނޑިޔާރުގޭގެ ޚަބަރުތައް ލިޔުމަށް ޖެހިލުންވާކަމީވެސް ފެންނާންއޮތް ހަޤީޤަތެކެވެ.

• ފަރުދާ ބިތްދޮށުގައި ފިލާތިބެ، ކުރާނުކުރާގެ މަޢުލޫމާތެއް ދިނުމެއްނެތި، ޖުޑިޝަލް ސަރވިސް ކޮމިޝަނުން 285ވަނަ މާއްދާއާމެދު ކަންކޮށްފައިވާގޮތަކީ އެއްގޮތަކަށްވެސް ޒިންމާދާރުގޮތެއް ކަމުގައި ޤަބޫލެއް ނުކުރެވެއެވެ.

• ޢަދުލުވެރި، އިންސާފުވެރި، ފަނޑިޔާރުގެއަކަށްވުރެން ބޮޑު މަންފާއެއްވެސް ފައިދާއެއްވެސް ޤައުމާ ރައްޔިތުންނަކަށް ނޯންނާނެއެވެ. އެއީ އެންމެހައި ކަންކަމ،ުގައި ކަން ނިންމާ، ޤައުމުގައި ޢަދުއިންސާފު ޤާއިމުކުރުމުގައި ފަނޑިޔާރުންނަށްވުރެން މަތީ ބަޔަކު ނުތިބޭނޭތީއެވެ. އެހެންނަމަވެސް، 285ވަނަ މާއްދާއިން ޖުޑިޝަލް ސަރވިދސް ކޮމިޝަނާ ހަވާލުކޮށްފައިވަނީ ދިވެހި ޤައުމާ ރައްޔިތުންނަށް އަދުލުވެރި ފަނޑިޔާރުގެއެއް ކަށަވަރުކޮށްދިނުން ކަމމުގައި ނުދެކި، ފަނޑިޔާރުންގެ މަސްލަހަތަށް، ވަކިން ޚާއްޞަކޮށް ކޮމިޝަނުގެ ރިޔާސަތުގައި އިންނެވި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީ އާއި އެމަނިކުފާނާއެކު އެކިއެކި ބޮޑެތި ކުށުގެ ރެކޯޑް ހުރި ވިއްސަކަށް ފަނޑިޔާރުންގެ ހައްޤުގައި، ދައުލަތާ ރައްޔިތުންނަށް ލިބެން އޮތް ފައިދާއަކާ މަންފާއެއްގެ ހުރަހަކަށް ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީ ވެވަޑައިގެންފިއެވެ.

• ޤާނޫނުއަސާސީގައި އެކަމަކަށް 2 އަހަރުގެ މުއްދަތެއްދީ ރަމްޒީކަމެއް ނުލިޔާނެއެވެ.

• ޖުޑިޝަލް ސަރވިސް ކޮމިޝަނުގައި ތިބި މެމްބަރުންގެ ކިބައިގައި ޤާނޫނުއަސާސީ ނަގަހައްޓާހާ ހިތްވަރު ނެތުމުގެ ސަބަބުން ދައުލަތާ ރައްޔިތުންނަށް ލިބެންއޮތް މަންފާއެއް ގެއްލި ދިޔުމަކީ ބަލައިގަނެވޭނޭކަމެއްވެސް ނޫނެވެ.

• އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޑިމޮކްރަސީއެއްގައި ދައުލަތުގެ ތިންބާރުވެސް ރައްޔިިތުންނަށް ޖަވާބުދާރީ ވާންވާނެއެވެ. ފަނޑިޔާރުގެ ވެސް ފަނޑިޔާރުންވެސް ޖަވާބުދާރީ ވާނީ ރައްޔިތުންނަށެވެ. ޖުޑިޝަލް ސަރވިސް ކޮމިޝަންވެސް ޖަވާބުދާރީ ވާނީ ރައްޔިތުންނަށެވެ. ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހާއި އަދި ނޫސްވެރިންގެ މަސްޢޫލިއްޔަތެކެވެ.

• ޤައުމުގައި އެވަރު ހިތްވަރެއް ނެތިއްޔާ އިންތިޤާލީ މަރުހަލާގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީގެ އަމިއްލަ މަސްލަހަތަށް މިކަންވެސް ނިމިގެންދާނީއެވެ. އެހެންކަންތައްތައްވެސް ދާ ފަދައިންނެވެ.

(2 މެއި 2010 އަދި 9 މެއި 2010ގެ ޔައުމިއްޔާ (ޑްރާފްޓް) މި ބްލޮގުން ފެނިވަޑައިގަންނަވާނެއެވެ.)

1 Comment

Filed under Uncategorized

One response to “ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީގެ އަމިއްލަ މަސްލަހަތު ކުރިއަށް ނެރުއްވުމަކީ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ސުލޫކުން ބޭރުވުން

  1. mohd.

    ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޙާލަތު ތިޔަފަދައިން ކެރިހުރެގެން ބަޔާން ކޮށްދޭކަމީ، ޤައުމަށްޓަކައި ކޮށްދެއްވާ ވަރަށް ބޮޑު ރަގަޅު ކަމެކެވެ. .

Leave a comment