އުއްތަމަފަނޑިޔާރަށް ފޮނުވައި، ޖަވާބެއް ނުލިބުނު ސިޓީ

ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދަށް،

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ޤާނޫނުއަސާސީގެ 158ވަނަ މާއްދާގެ (ށ)ގެ ދަށުން ސުޕްރީމްކޯޓުގެ ފަނޑިޔާރުން ޖުޑިޝަލް ސަރވިސަސް ކޮމިޝަނަށް އިންތިޚާބުކުރައްވާފައިވާ ފަނޑިޔާރު އަލްފާޟިލް މުޖުތާޛު ފަހުމީގެ އަމަލުތަކުން ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މުސްތަޤިއްލުކަމާމެދު ޝައްކު އުފައްދާ ކޮމިޝަނުގެ އިންޓެގްރިޓީ ކޮމްޕްރޮމައިޒްކުރާކަމުގައި ޤަބޫލުކުރެވޭ ކަންތައްތަކެއް ފެނި ތަޖްރިބާ ކުރެވެމުންދާތީއާއި؛ މިކަންތައްތައް އެމަނިކުފާނުގެ ސަމާލުކަމަށް ތަކުރާރުކޮށް ގެނައުމުންވެސް ކުޑަވެސް ސަމާލުކަމެއް ދެއްވުމެއްނެތި، އަދި އެއްވެސް މިންވަރަކަށް ޖަވާބުދާރީވެވަޑައިގަތުމެއްނެތި، ޤާނޫނާ ޤަވާއިދާއި ޑިމޮކްރަޓިކް ހަމަތަކާއި އުޞޫލުތަކާއި ޚިލާފަށް އެ މަނިކުފާނުގެ މަޤާމުގެ ބާރާއި ނުފޫޒުން ހިތުހުރިގޮތަކަށް ކަންތައް ކުރައްވަމުންގެންދަވާތީ އެމަނިކުފާނަކީ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މަސްޢޫލިއްޔަތާއި ޒިންމާތައް އަމާނާތްތެރި ކަމާއެކު އުފުލުމަށް ހުރި ހުރަހަކަށް ވެވަޑައިގެންފިކަމުގައި ޤަބޫލުކުރެވުމުން، މިކަން މަނިކުފާނުގެ ސަމާލުކަމަށް ގެނައުމަށް މަޖްބޫރުވެ، ލަދުވެތިކަމާއި ހިތާމަޔާއެކު ދަންނަވަމެވެ.

ކޮމިޝަނުގެ ރައީސްގެ މަޤާމު ވަރަށް ކުއްލި ގޮތަކަށް ހުސްވުމާއެކު ކޮމިޝަނުގެ ނައިބުރައީސް ކަމުގެ މަޤާމުގައި ހުންނެވި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޛު ފަހުމީ ރައީސް ކަމުގެ މަސްޢޫލިއްޔަތާއި ވަގުތީގޮތުން ހަވާލުވެވަޑައިގެން ރައީސަކު އިންތިޚާބުކުރުން ބޭއްވުމަށް އިންކާރު ކުރައްވައި 48 ދުވަހު ހުންނެވުމަށްފަހު؛ 11 މާރޗް 2010 (ބުރާސްފަތި) ދުވަހު ރައީސަކު އިންތިޚާބު ކުރެއްވުން ބާއްވަވައި ކޮމިޝަނުގެ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގަތުމާއެކު އެދުވަހު ފުރަތަމަވެސް ކަންތައްތައް ކުރެއްވީ ޤާނޫނުއަސާސީ އާއި ޤާނޫނާ ޤަވާޢިދާ ޑިމޮކްރަޓިކް ހަމަތަކާއި އުޞޫލުތަކާ މުޅީން ޚިލާފަށެވެ. މިކަން މިސިޓީއާއެކު ފޮނުވާ 11 މާރޗް 2010 ދުވަހު އިންތިޚާބު ހިނގާދިޔަގޮތުގެ ޔައުމިއްޔާއިން އެނގިވަޑައިގަންނަވާނެއެވެ.

އަދި، 11 މާރޗް 2010 (އާދީއްތަ) ދުވަހަށްފަހު ނައިބުރައީސަކު އިންތިޚާބު ކުރުން އެޖެންޑާ ކުރެއްވުމެއްނެތި، އަދި ނައިބުރައީސެއްގެ އިންތިޚާބު ބާއްވަން ޤަޞްދުކުރައްވާކަމުގެ ކުޑަވެސް އިޝާރާތެއް ދެއްވުމެއްނެތި ހުންނަވާފައި 28 މާރޗް 2010 (އާދީއްތަ) ދުވަހު ޖަލްސާއަށް ހާޟިރުވީއިރު އެދުވަހުގެ ޖަލްސާގެ ރިޔާސަތު ހަވާލު ކުރައްވާފައިވަނީ ހައިކޯޓުގެ 3 ފަނޑިޔާރަކު ގުޅިގެން ޤަރާރަކުން އަލްއުސްތާޛު ޢަބްދުލް ޣަނީ މުޙައްމަދު ވަކިކުރައްވައި އެ 3 ފަނޑިޔާރުންގެ ތެރެއިން ކޮމިޝަނަށް ވަޑައިގެންހުންނެވި ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާ ކަމުންނާއި؛ ހައިކޯޓުގެ ޤަރާރާ ގުޅިގެން ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ބާރާއި މަސްޢޫލިއްޔަތުތަކުގެ ތެރެއިން ބަލާންޖެހޭ ކަންތައްތައް ބެލުމަށް ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޛު ފަހުމީގެ ބާރާއި ނުފޫޒުން ހުރަސް އަޅުއްވާފައިވާކަން ވަރަށް ސާފުކޮށް ފެންނާން އޮތްހިނދު ހައިކޯޓުގެ ޤަރާރުގެ މައްސަލައިގައި ވަކިގޮތެއް ކޮމިޝަނުން ނިންމަވާފައި ނުވަނީސް ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާ ކޮމިޝަނުގެ ރިޔާސަތު ހަވާލުކުރުމަކީ ޑިމޮކްރަސީގެ ހަމަތަކުން ކުރެއްވިކަމެއްކަމުގައި ބަލައިގަނެވޭނޭ ކަމެއްވެސް ނޫނެވެ.

މީގެ އިތުރުން، ސުޕްރީމްކޯޓުން ޖުޑިޝަލް ސަރވިސަސް ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ ފަނޑިޔާރު އަލްފާޟިލް މުޖުތާޛު ފަހުމީގެ މައްޗަށް ޚިޔާނާތުގެ މައްސަލައެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ފިޔަވަޅު އަޅުއްވާފައިވާކަމަށް ފެންނާން ހުރުމުން، ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މަސްޢޫލިއްޔަތުތައް ޤާނޫނުއަސާސީ އާއި ޤާނޫނުގައިވާގޮތުގެމަތީން އުފުލައި، ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 17ވަނަ މާއްދާ ގައިވާގޮތުގެ މަތީން ކޮމިޝަނުގެ މަސައްކަތް ކުރުމަކީ އަލްފާޟިލް މުޖުތާޛު ފަހުމީގެ އަމިއްލަ މަސްލަހަތާ ތަޢާރުޒުވާ ކަމެއްކަން މަނިކުފާނަށް ޤަބޫލުފުޅު ކުރެއްވޭނޭކަން ޔަޤީނެވެ.

ވީމާ، މިދަނޑިވަޅު، އިންތިޤާލީ މަރުހަލާގައި އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނަވައި، ދިވެހިރާއްޖޭގެ ފަނޑިޔާރުގޭގެ ބިންގާ ވަރުގަދަ ކޮށް، ޤާނޫނުއަސާސީ ރައްޔިތުންނަށް ލިބިދޭ ޢަދުލުވެރި، އިންސާފުވެރި، ޤާބިލު ފަނޑިޔާރުގެ ޤައުމާ ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ މަސްޢޫލިއްޔަތު ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޖުޑިޝަލް ސަރވިސް ކޮމިޝަނުން އުފުލުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން، ކޮމިޝަނުގެ މަސްޢޫލިއްޔަތާ އަމިއްލަ މަސްލަހަތާ ތަޢާރުޒު ނުވާ ފަނޑިޔާރަކު ސުޕްރީމްކޯޓުން ޖުޑިޝަލް ސަރވިސަސް ކޮމިޝަނަށް ކަނޑައެޅުއްވުމަކީ މަނިކުފާނުގެ މައްޗަށް މިދަނޑިވަޅުއޮތް ޤައުމީ މަސްޢޫލިއްޔަތެއްކަމުގައި ދެކެވަޑައިގެން އެގޮތުން ކުރައްވަންޖެހޭކަމެއް ކުރައްވަން ފަސްޖެހިވަޑައިނުގަންނަވާނޭކަމަށްވެސް އަޅުގަނޑު ޔަޤީންކުރަމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުންއެދެމެވެ.

05 އޭޕްރީލް 2010
އިޚްލާޞްތެރިކަމާއެކު،

އާއިޝަތު ވެލެޒިނީ
ޤާނޫނުއަސާސީގެ 158(އ)ގެ ދަށުން
ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ މެމްބަރު

އަލްއުސްތާޛު ޢަބްދުﷲ ސަޢީދު
ސުޕްރީމްކޯޓުގެ ފަނޑިޔާރު
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓް

ކޮޕީ: ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

2 Comments

Filed under Uncategorized

2 responses to “އުއްތަމަފަނޑިޔާރަށް ފޮނުވައި، ޖަވާބެއް ނުލިބުނު ސިޓީ

  1. nuro

    gina fandiyarun maa balaagann thaneh noon mihaaru oh supreme courtakee.uthama fandiyareh adhi ney.

  2. Dhafy

    މީ ދެން ވަރަށް ދެރަ ކަމެއް. މުޖުތާޛު ފަހުމީ ފެށިނީއްސުރެވެސް އަންނަނީ އަމިއްލަ އެޖެންޑާއެއް ތަންފީޛުކުރަމުން. އޭގެ އިތުރުން ތިޔަ ކޮމިޝަނުގައި ނާގާބިލު ފަނޑިޔާރުންތަކެއް ތިބި ކަމީ މުޅި ޢަދުލު އިންސާފުގެ ދާއިރާއަށް އެޅެމުންދާ ހުރަހެއް. ދިވެހިރާއްޖެއަށް ގެނެވުނު ޒަމާނީ ޑިމޮކްރެސީއާއެކު އަދުލު އިންސާފު ޤާއިމްކުރުމުގެ ބާރު ޖެހެމުން އަންނަނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ފަހަތަށް. ޤާނޫނުއަސާސީއަށް އިޞްލާޙް ގެނައުމުގެ ބިލެއް މެދުވެރިކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލަން.

Leave a comment