ބޮޑު އޮޅުވާލުމެއް

ފަނޑިޔާރުންގެ ޝަރުތު ފުރުހަމަވޭތޯ ކަނޑައެޅުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނާ ހަވާލުވެފައިވާ މަސްޢޫލިއްޔަތު އުފުލުމަށް ހުރަހަކަށް ކޮމިޝަނުގެ ރައީސްގެ އަމިއްލަފުޅު މަސްލަހަތު

ޤާނޫނުއަސާސީ 285ވަނަ މާއްދާގެ ދަށުން ޖުޑިޝަލް ސަރވިސް ކޮމިޝަން އާ ހަވާލުވެފައިއޮތީ ޤާނޫނުއަސާސީ 2008ށް އަމަލުކުރާންފެށިއިރު ފަނޑިޔާރުންގެގޮތުގައި ތިބި މީހުންގެ ކިބައިގައި ފަނޑިޔާރުންގެ ޝަރުތު ފުރުހަމަވޭތޯ ނުވަތަ ނުވޭތޯ ބަލައި ކަނޑައެޅުމެވެ. ޝަރުތު ފުރިހަމަވާނަމަ އެމީހަކު އަލުން ފަނޑިޔާރުކަމަށް އައްޔަނު ކުރާންވާނެއެވެ. ޝަރުތު ފުރިހަމަ ނުވާކަމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅައިފިނަމަ އެހިނދުން އެހިނދަށް އެމީހަކު ފަނޑިޔާރުކަމުން ވަކިވީއެވެ.

އެކަމަކަށް 2 އަހަރު ލިބި ގޮތެއް ޖުޑިޝަލް ކޮމިޝަނުގައި މިކަމާމެދު މެމްބަރުން މަޝްވަރާކުރުމަށް ފުރުޞަތެއް ނުދީ ދުވަސްތައް ދަމުންގޮސް މިހާރު މިވަނީ 3 މަސް ދުވަހަށްވުރެ މުއްދަތު ކުރުވެފައެވެ.

ޤަސްދުގައި މިކަން ލަސްކުރެއްވީކަން ވަރަށް ސާފުކަން އެނގޭން އެބައޮތެވެ. މި ކަން ހިނގާދިޔަގޮތް ބައްލަވައި، ދިރާސާ ކުރެއްވުމުން ވަރަށް ރަގަޅަށް ސާފުވާނެއެވެ. ސުވާލަކީ މިކަން ކުރާނީ ކޮން ފަރާތަކުންތޯއެވެ؟ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ރައީސަކަށް ސުޕްރީމްކޯޓުގެ ފަނޑިޔާރަކު ހުރެ ހިންގަވަމުންގެންދަވާ ޤާނޫނާ ޤަވާޢިދާ ޚިލާފު، އުޞޫލެއް ނެތް، އޮޅުވާލުންތަކަކާއި މަކަރާ ހީލަތް ކަމުގައި ބެލެވޭނޭ ޖާގަ އޮތް ކަންތައްތަކެއްގައި ސުޕްރީމްކޯޓަށް ދިޔުމުގެ މާބޮޑު މާނައެއް އޮތް ކަމަކަށް ނުދެކެމެވެ. ޚާއްޞަކޮށް ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީގެ ކަންތައްތައް މިހެންހުރިކަން ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް އެނގިވަޑައިގެން މިކަމުގައި އަޅާނުލައްވާ ތިއްބެވީމައެވެ. އެކަމުގެ ޙަޤީޤަތް ބައްލަވައި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޝިލް މުޖުތާޒު ފަހުމީ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޒިންމާ އާ މަސްޢުލިއްޔަތު އުފުލުމަށް ހުރި ހުރަހަކަށް ވިޔަ ނުދިނުމުގެ ބާރު ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް ލިބިގެންވާނަމަވެސްއެވެ.

ފަނޑިޔާރުންގެ ޝަރުތު ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު 149ވަނަ މާއްދާގެ (ހ) ގައި އެމީހަކީ އަޚްލާޤު ރަގަޅު މީހަކަށް ވާން ވާނޭ ކަމަށް ބަޔާންކޮށްފައިވެއެވެ. ފަނޑިޔާރުންނާބެހޭ ޤާނޫނެއް އަދި ފާސްކޮށްފައިނުވުމުން މިވަގުތު މިކަމުގައި ގޮތެއް ކަނޑައެޅުމަކީ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މަސްޢޫލިއްޔަތެކެވެ. މިކަމާ އަރާރުންވާ ފަރާތްތަކުން ވިދާޅުވަނީ ޤާނޫނުއަސާސީގެ 285ވަނަ މާއްދާގައި ބުނާ ޝަރުތު ފުރިހަމަވޭތޯ ބެލޭނީ “ޤާނޫނުގައިވާ މިންގަނޑަށް” ކަމަށެވެ! ނެތް ޤާނޫނެއްގައެވެ.

އަޅުގަޑަށް ވިސްނޭގޮތުގައި ފަނޑިޔާރުންނާބެހޭ ޤާނޫނެއްނެތި މިކަން ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ނުކުރެވޭނޭނަމަ، ޤާނޫނުއަސާސީގައި ލިޔެފައި އޮންނާނީ ފަނޑިޔާރުންނާބެހޭ ޤާނޫނު ފާސްކުރާތާ ވަކި މުއްދަތެއްތެރޭ މިކަން ކުރުމަށެވެ. ޤާނޫނުއަސާސީގައި އޮތީ ޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާތާ 2 އަހަރު ދުވަހުގެ މުއްދަތުގެތެރޭ މިކަން ކުރާންކަމުން، ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފަސްކޮށްފައެއްނެތޭ ބުނެ މި މަސައްކަތް ލަސްކޮށްފައިވާ ވުމަކީ ހުއްޖަތް ދައްކައިގެން ޒިންމާ އާއި މަސްޢޫލިއްޔަތު ނުއުފުލައި، މިކަމުން ‘ރެކެން’ މަސައްކަތްކުރުމެވެ.

އަޅުގަޑުގެ ތަޖްރިބާގައި:
• 26 ޖުލައި 2009ގައި ދާއިމީ ކޮމިޝަން އުފެއްދެވުމާއެކު، ފަނޑިޔާރުންގެ ޝަރުތު ފުރިހަމަވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ މިންގަނޑެއް އެކުލަވާލުމަށްޓަކައި ޝަރުތުތަކެއް ވިސްނާ އެކުލަވާލައްވައިގެން ކޮމިޝަނުގެ މަޝްވަރާއަށް ގެނައުމަށް 26 އޯގަސްޓް 2009ގައި، އޭރު ކޮމިޝަނުގައި ތިއްބެވި 3 ފަނޑިޔާރުންގެ ކޮމިޓީއަކާ ހަވާލުކުރެއްވިއެވެ. މި ކޮމިޓީގެ އެއްވެސް ބައްދަލުވުމެއް ނުބާއްވާ، 6 މަސް ދުވަހަށްވުރެ ގިނަ ދުވަސް ބޭކާރު ކުރެއްވިއެވެ! ކުޑަ ކޮމިޓީގެ މުޤައްރިރަކީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީއެވެ. ޤަޞްދުގައި ލަސްކުރެއްވީއޭ މިދަންނަވަނީ މިކޮމިޓީ ކަނޑައެޅުއްވި ދުވަހު، މިކޮމިޓީގެ މަސައްކަތުގައި އެހީތެރިވުމަށް އަޅުގަޑު ވޮލަންޓިއަރކޮށް، އެތައް ދުވަހެއްގެ މަތީން މިކަމުގެ ވާހަކަ އަޅުގަޑު ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީ އާ ދައްކާފައިވާތީއެވެ. ވިދާޅުވަމުން ދިޔައީ މިއީ ނުކުރެވޭނޭ ކަމެއް ކަމަށެވެ! އެމަނިކުފާނު އެހެން ދެކެވަޑައިގަތަސް ސުވާލެއް އޮތިއްޔާ އެކަން ނިންމަންވާނީ ކޮމިޝަނުން ކަމުގައި އަޅުގަޑު ތަކުރާރުކޮށް ބުނަމުން ގެންދިޔައީމެވެ.

• ހައިކޯޓުގެ 3 ފަނޑިޔާރަކު އެކުވެ ކޮމިޝަނުގެ ރައީސްގެ މަޤާމުގައި ހުންނެވި ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުލްޣަނީ މުޙައްމަދު ކޮމިޝަނުން ވަކިކުރައްވައިފިކަން ޤަރާރަކުން އިޢުލާން ކުރެއްވުމާއެކު، ރިޔާސަތާ ހަވާލުވެވަޑައިގަތް ފެބްރުއަރީ 2010ގައި އަނެއްކާ އެހެން ކޮމިޓީއަކާ މިންގަނޑެއް އެކުލަވާލުން ހަވާލު ކުރުއެވެ. ކޮމިޝަނުގެ މަޝްވަރާއަށް ލަފައެއް ހޯދުމަށެވެ.

• ކަން މިނިމުނީ 4 ފަނޑިޔާރަކާ ޑރ. ލަތީފުގެ “ރެކްމެންޑޭޝަން” އެއީ މިންގަނޑުކަމަށެވެ. އިތުރު މަޝްވަރާއަކަށް ފުރުޞަތެއް ނެތެވެ. ހުށަހެޅި އިޞްލާހެއް މަޝްވަރާކުރުމަކަށް ފުރުޞަތެއް ނުދެއްވިތާ، ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީގެ އަމިއްލަ މަސްލަހަތާ ފުށުއަރާ އެއްވެސް ކަމެއް ވޯޓަކަށް އައްސަވަންވެސް އިންކާރު ކުރެއްވީއެވެ.

• އަމިއްލަފުޅު ރެކޯޑުގައި ޚިޔާނާތުގެ މައްސަލައެއްއޮވެ، ޖުޑިޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުންގެ ޝަރުތުފުރިހަމަވޭތޯ ބަލާނޭ މިންގަނޑެއް ކަނޑައެޅުމުގެ މަސައްކަތް ކުރާއިރު ކޮމިޝަނުގެ ރިޔާސަތުގައި އިންނެވުމަކީ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 17ވަނަ މާއްދާ އާއި 20ވަނަ މާއްދާގެ ނ އާއި ޚިލާފު ކަންކަމެވެ.

• މިކަން ގެންދެވިގޮތަށް ބަލާއިރު ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްފާޟިލް މުޖުތާޒު ފަހުމީ އެވަނީ ކޮރަޕްޝަން ނައްތާލުމާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާ އާއި 13 ވަނަ މާއްދާ އާ ޚިލާފުވެފައިކަމަށް ޤަބޫލުކުރެވޭ ހެއްކާ ޤަރީނާ ފެންނާން އެބަހުއްޓެވެ.

• ސުޕްރީމްކޯޓު ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީގެ ރެކޯޑުން ފެއންނާން އޮތް މައްސަލައެއީ މާބޮޑު މައްސަލައެއް ނޫންކަމުގައިވެސް ކޮމިޝަނުން ކަނޑައަޅާފާނެއެވެ. މައްސަލައަކީ ނުބެލުމެވެ. ނުބަލާން ނިންމުމެވެ. ނެތްކަމަށް ހެދުމެވެ. ރެކޯޑުގެ ތެދުދޮގެއް އެނގޭނީ ބެލުމުންނެވެ.

• އެހެންނަމަވެސް، ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީގެ ރެކޯޑް ނެތް އެއްޗަކަށް ހަދަން މަސައްކަތްކޮށް، އިތުރު ހުށަހެޅުމެއް މަޝްވަރާކޮށް ވޯޓަށް ދިޔުމުގެ ފުރުޞަތު ނުދީ، އެކަމުގެތެރޭ ޚިޔާނާތާއި ދަށުދަރަޖައިގެ ބަދު އަޚްލާޤީ އަމަލުތައް ތަކުރާރު ކުރާކަމަށް ފާހަގަވެ ރެކޯޑް ހުރި ފަރާތްތައް ފަނޑިޔާރުގޭތެރޭ ދިރުވިގެންދާނޭގޮތަކަށް، ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީ ރިޔާސަތުގައި އިންނަވައިގެން ކަނޑައެޅުއްވުމަކީ އެމަނިކުފާނުގެ މަސްލަހަތަށް މިކަން ނިންމެވުމެއް ނޫންތޯއެވެ؟ އަމިއްލަފުޅު ރެކޯޑުގައި މައްސަލައެއް އޮތުމުން، މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ދިވެހި ރައްޔިތުންނަށް ޤާނޫނުއަސާސީއިން ލިބިދޭ ޢަދުލުވެރި ތެދުވެރި ފަނޑިޔާރުގެ ރައްޔިތުންގެ ކިބައިން ނިގުޅައި ގަނެވިގެން ދިޔުމަކީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ.

1 Comment

Filed under Uncategorized

One response to “ބޮޑު އޮޅުވާލުމެއް

  1. ރޯނު

    މުޖްތާޛު ފަހުމީއަކީ މިޤައުމުގެ ޝަރުޢީ ދާއިރާއަށް ޖެހިފައިވާ ވަރަށް ބޮޑު ރޯގާއެއް، ބޮޑު މުސީބާތެއް، އެފަދަ ކޮރަޕްޓް މީހަކު އެމަޤާމުގައި ދެމެހެއްޓުމަށް މަސައްކަތް ކުރާ އެހެނިހެން ފަނޑިޔާރުންނަކީވެސް ހަމަ ކޮރަޕްޓް މީހުން ފަނޑިޔާރު ކަމުގެ މަޤާމުގައި އެމީހުން ބޭއްތިއްބުމަކީ ހަމަޤައުމަށް ހުރި ނުރައްކަލެއް. އަޅުގަޑު އާދޭހާއެކު ކޮމިޝަނުގެ މެމްބަރުންނަށް ގޮވާލަނީ މޫނަށް ނުބަލައި އަމިއްލަ މަސްލަޙަތަށް ނުބަލައި ކަންކަން ނިންމުމަށް.

Leave a comment