ޤާނޫނުއަސާސީ 2008ގެ ކުރީން ފަނޑިޔާރުކަމަށް އައްޔަނުކުރި މީހުންގެ ޝަރުތުހަމަވޭތޯބަލާނެ މިންގަނޑެއްނެތި؛ ފަނޑިޔާރުންނާބެހޭ ޤާނޫނެއްނެތި؛ މިހާރު އައްޔަނުކުރާ ފަނޑިޔާރުންގެ މިންގަނޑު ކަނޑައެޅުމުން މައްސަލަތަކެއް ނުއުފެދޭނެބާ


ދިވެހިރާއްޖޭގެ ވެރިކަމުގެ 3 ބާރު ވަކިކުރި ދުސްތޫރާއެކު، ކުރީގެ ނިޒާމުން އާ ނިޒާމަށް ބަދަލުވެ، ޤާނޫނުއަސާސީ (2008) ގައި ބަޔާންވެގެންވާ ޑިމޮކްރަޓިކް ނިޒާމް އުފައްދައި، އާލާކޮށް، ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި މިހާރު މިހިނގަމުންދާ އިންތިޤާލީ މަރުހަލާގެތެރޭގައި ތަފާތު ކަންތައްތަކެއް ކުރުމަށް ޤާނޫނުއަސާސީން ވަނީ ތަފާތު މުޢައްސަސާތަކާއި އަމާނާތްކޮށްފައެވެ.

މިގޮތުން، ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މަސްޢޫލިއްޔަތުތަކުގެތެރޭ 7 އޯގަސްޓް 2008ން 7 އޯގަސްޓް 2010ށް ހިނގާ 2 އަހަރު ދުވަހު މުއްދަތުތެރޭގައި، މިހާރު އަމަލު ކުރަމުންދާ ޤާނޫނުއަސާސީގެކުރީން ފަނޑިޔާރުކަމަށް އައްޔަނުކުރައްވާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ސާފުކޮށް، ފަނޑިޔާރުކަމުގައި ހުންނެވި ކޮންމެ ބޭފުޅަކީވެސް ޤާނޫނުއަސާސީގެ 149ވަނަ މާއްދާގައިބުނާ ފަނޑިޔާރު ކަމުގެ ޝަރުތު ފުރިހަމަވާ މީހެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅަންޖެހެއެވެ.

މިކަމަށްއޮތް 2 އަހަރު ދުވަސް ފާއިތުވާން ދެމަސް ދުވަހަށްވުރެ ވަގުތު ކުޑަތަންވިއިރު ޖުޑިޝަލް ސަރވިސް ކޮމިޝަނުން މިވަނީ ޤާނޫނާ ޤަވާޢިދުން، ޤައުމީ މަސްޢޫލިއްޔަތު އުފުލައި ރައްޔިތުންގެ ލާބަ އާއި މަންފާއަށް މިކަން ކުރުމަށް ނުކުޅެދިފައެވެ. ކޮމިޝަނުގެ ރައީސް އަދި ސުޕްރީމްކޯޓު ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީގެ އަމިއްލަ މަސްލަހަތު މިކަމުގެ ތެރެއަށް ވަނުމުންނެވެ.

މި މިންގަނޑު ކަނޑަނޭޅި ވާއިރު، އަދި ޤާނޫނުއަސާސީގެ 149 (ރ)ގައި ބުނާ ފަނޑިޔާރުންނާބެހޭ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިނުވާއިރު، މި ދަނޑިވަޅު އައްޔަނުކުރަމުންދާ ފަނޑިޔާރުން އައްޔަނު ކުރަމުން މިދަނީ ކޮން މިންގަނޑަކުންތޯއެވެ؟

ޤާނޫނުއަސާސީ (2008)ގެ ކުރީންވެސް ފަނޑިޔާރުން އައްޔަނު ކުރަމުން އައި މިންގަނޑުން، އެ ފަހަރަކު އައްޔަނުކުރުމުގައި ‘ކޮމިޝަނަށް’ ފެނިވަޑައިގެންނެވި މިންގަނޑަކުން މިނަމުން މިވަގުތު ފަނޑިޔާރުކަމަށް އައްޔަނުކުރާ ބޭފުޅުންނަކީ ޑީފޯލްޓުން ދާއިމީވާ ބޭފުޅުންނަށްވީއިރު، މިހާ ކަންފަސޭހަ ގޮތަކަށް ފަނޑިޔާރުން އައްޔަނު ކުރުމަކީ ކޮން ކަހަލަ ކަމެއްތޯއެވެ؟

މިހާރު ޖުޑިޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުން އައްޔަނުކުރަމުން މިދާ ފަނޑިޔާރުންނަކީ ޤާނޫނުއަސާސީގެ 285ވަނަ މާއްދާއިން ބަލާންޖެހޭ ފަނޑިޔާރުން ނޫންހިނދު؛ މިކަމަށް ވިސްނަވާ ލެއްވުމެއްނެތި، ސިވިލް ސަރވިސް އަށް މީހުން ހޮވާހެން އާދައިގެ ޕެނަލަކުން އިންޓަރވިއުއެއްކޮށްލައިގެން ފަނޑިޔާރުން އައްޔަނުކުރާން ވާނޭތޯއެވެ؟

ފަނޑިޔާރަކު އައްޔަނުކުރުމަށްފަހު ވަކިކުރެވޭންއޮތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކުން، އެޖަލްސާއަށް ޙާޟިރުވެވަޑައިގަންނަވާ މެމްބަރުންގެ ތިންބައިކުޅަދެބައި އަޣްލަބިއްޔަތުންކަމުން މިދަނޑިވަޅު ފަނޑިޔާރުން އައްޔަނުކުރަމުންދާ ދިޔުމަކީ ވިސްނާލަންޖެހޭކަމެކެވެ.

ކޯޓުތަކާބެހޭ ޤާނޫނުއައުމުން ނޫނީ ކޯޓު ތަކުގެ އަދަދާކަންތައްތައް ސާފުނުވާނޭއިރު، އަދި މިވަގުތު ޤާނޫނުއަސާސީއިން ކޮމިޝަނުގެ މައްޗަށް ހުރި ވަކި މުއްދަތަކަށް ނިންމާންޖެހޭ ކަންތައްތައް ނިންމާންއޮތް މުއްދަތު ހަމަވަމުންދާއިރު، ޚާއްޞަގޮތެއްގައި ނެތް މިންގަނޑަކުން ފަނޑިޔާރުން އައްޔަނުކުރައްވަނީ ކީއްވެތޯއެވެ؟

ސުވާލެވެ. ހުސް ސުވާލެވެ.

އެހެންނަމަވެސް، މިއިން އެއްވެސް ސުވާލަކަށް ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭ ކަމަކަށް ކޮމިޝަނަކުން ދެކެވަޑައެއް ނުގަންނަވައެވެ. ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަންނަވާންޖެހޭނޭ ކަމަކަށްވެސް ޤަބޫލެއް ނުކުރައްވައެވެ.

ރައްޔިތުންނަށް ޖަވާބުދާރީވާން ނުޖެހޭ އެއްވެސް މުޢައްސަސާއެއް ޤާނޫނުއަސާސީގެ ދަށުން، ދައުލަތުގެ ފައިސާއިން ބަޖެޓެއް ކަނޑައަޅައި ހިންގުމަށް މި ޤާނޫނުއަސާސީ ފުރުޞަތު ދޭތޯއެވެ؟

Advertisement

Leave a Comment

Filed under Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s