މާލޭކޯޓުތަކާ ރަށުކޯޓުތަކަށް ފަނޑިޔާރުން ހޯދުމާއި ޢައްޔަންކުރުމާބެހޭ ޤަވާއިދަށް މުހިންމު ދެއިސްހާލެއް ގެނެސް ފާސްކޮށްފި” މި ސުރުޚީގެ ދަށުގައި 13 ޖޫން 2010 (އާދީއްތަ) ދުވަހު ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުގައި ޖަހާފައިވާ ޚަބަރުގައިވާ ނިންމުމަކީ ޞައްޙަ ނިންމުމެއްތޯއެވެ؟
ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޖަލްސާތަކުގައި މަޝްވަރާތައް ގެންދާނީ އެޖެންޑާއަށް ކަމަށާއި؛ ގިނަ މެމްބަރުންނަށް ފެނިވަޑައިގެން ޚާއްޞަގޮތެއްގައި ކަމެއް ނިންމުމަށް އެދިވަޑައިގެންނަމަވެސް ޤަވާޢިދުން އެޖެންޑާކޮށްގެން މެނުވީ އެއްވެސް ކަމެއް ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޖަލްސާއެއްގައި މަޝްވަރާ ނުކުރެވޭނޭ ކަމަށް 11 މާރޗް 2010 ދުވަހު ކޮމިޝަނުގެ ރައީސްކަމަށް ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީ ހޮވިވަޑައިގަތުމާއެކު އެމަނިކުފާނުވަނީ ކަނޑައަޅުއްވާފައެވެ.
11 މާރޗް 2010 ދުވަހު ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ 10 މެމްބަރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި 6 މެމްބަރުން ސާފުބަހުން ނައިބުރައީސަކު އިންތިޚާބުކުރުން އެޖަލްސާގައި ބޭއްވުމަށް އެދުމުންވެސް ރިޔާސަތުގައި އިންނެވި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީ އެކަން ނުކުރެއްވީ ކޮމިޝަނުގެ އެޖެންޑާއަކީ ޖަލްސާގެކުރީން ކަނޑައެޅިފައި އޮންނަ އެއްޗެއް ކަމަށާއި، ކޮމިޝަންގެ ޤަވާޢިދުގައިވާގޮތުގެމަތީން މެމްބަރުންނަށް އެކަށީގެންވާ ނޯޓިސްނުދީ ކަމެއް ނުނިންމޭނެކަމަށާއި، އެހެންކަމުން އެދުވަހު ނައިބުރައީސަކު އިންތިޚާބުކުރުން ބޭއްވުމަށް “ޤާނޫނީ ހުރަސްތަކެއް” ވާކަމަށް ވިދާޅުވެއެވެ. (“ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ތަޢާރަފެއް – ޖަލްސާއަކުން” މި ސުރުޚީގެ ދަށުން މިބްލޮގްގައި ހިމަނާލާފައިވާ ލިޔުމުން 11 މާރޗް 2010 ދުވަހުގެ ޖަލްސާގެ ޓްރާންސްކްރިޕްޓެއް ފެނިވަޑައިގަންނަވާނެއެވެ.)
އެހެންނަމަވެސް، މާލޭކޯޓުތަކާ ރަށުކޯޓުތަކަށް ފަނޑިޔާރުން ހޯދުމާއި ޢައްޔަންކުރުމާބެހޭ ޤަވާއިދަށް މުހިންމު ދެއިސްހާލެއް ގެނެސް 10 މެއި 2010 (ބުރާސްފަތި) ދުވަހު ފާސްކުރެއްވިއިރު މިކަމަކީ އެދުވަހުގެ އެޖެންޑާގައިވާކަމެއްނޫނެވެ. އެދުވަހުގެ އެޖެންޑާގެ ނަކަލު ތިރީގައި މިވަނީއެވެ.
.1. 28 އޭޕްރިލް 2010 ދުވަހު ބޭއްވުނު ޝަކުވާ ކޮމިޓީގެ ބައްދަލުވުމުން ކޮމިޝަނަށް ހުށަހެޅުމަށް ނިންމުނު ކަންތައްތައްަ
2. 05 މެއި 2010 ދުވަހު ބޭއްވުނު ޝަކުވާ ކޮމިޓީގެ ބައްދަލުވުމުން ކޮމިޝަނަށް ހުށަހެޅުމަށް ނިންމުނު ކަންތައްތައް
3. 17 މެއި 2010 ދުވަހު ބޭއްވުނު ވަޒީފާ ކޮމިޓީގެ ބައްދަލުވުމުން ކޮމިޝަނަށް ހުށަހެޅުމަށް ނިންމުނު ކަންތައްތައް
4. 24 މެއި 2010 ދުވަހު ބޭއްވުނު ވަޒީފާ ކޮމިޓީގެ ބައްދަލުވުމުން ކޮމިޝަނަށް ހުށަހެޅުމަށް ނިންމުނު ކަންތައްތައް
5. އެހެނިހެން
- ޤާނޫނުއަސާސީގައި ވާގޮތުގެ މަތިން އަލުން ޢައްޔަންކުރުމުގައި ވަކިވާ ފަނޑިޔާރުންނަށް ޢިނާޔަތްދިނުން
- ކޮމިޝަންގެ ހިންގުން ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ކޮމެޓީން ތައްޔާރުކޮށްފައިވާ ރިޕޯޓާމެދު ގޮތެއް ނިންމުން (ހަމައެކަނި ހުށަހެޅޭ މައްސަލަތަކުގެ ބައި)
- މާލޭކޯޓުތަކަށް ފަނޑިޔާރުންގެ މަޤާމުއިތުރުކޮށް، ހަމަޖެއްސުމާއި ރަށުކޯޓުތަކުގެ ހުސްމަޤާމުތަކަށް ފަނޑިޔާރުން އައްޔަނުކުރުން