ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާބެހޭ ކޮމިޓީގެ މުޤައްރިރު އަލްއުސްތާޛު މުޙައްމަދު މުޖުތާޒަށް،
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
ޤާނޫނުއަސާސީގެ 285ވަނަ މާއްދާއާމެދު ޖުޑިޝަލް ސަރވިސް ކޮމިޝަނުން ކަންތައްކޮށްފައިވާގޮތް
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާބެހޭ ކޮމިޓީއިން ބައްލަވައިދެއްވުންއެދި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެޤާނޫނުއަސާސީއަށް ޢަމަލުކުރާން ފެށިއިރު ތިބި ފަނޑިޔާރުންގެ ކިބައިގައި ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާކަން ނުވަތަ ނޫންކަން ކަނޑައެޅުއްވުމަށް، ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެކުލަވާލައްވާފައިވާ މިންގަނޑުތައް އެކުލަވާލެއްވުމަގައާއި، އެމިންގަނޑުތައް ކަނޑައެޅުއްވުމުގައި އެކޮމިޝަނުން ކަންތައްތައް ކުރައްވާފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނާއި ޤަވާޢިދަށް، އަދި ޤާނޫނުއަސާސީ ނަގަހައްޓާ ޑިމޮކްރަޓިކް ހަމަތަކާ ޢުޞޫލުތަކަށް ބަލާލުމެއްނެތި ވަކި ބަޔަކަށް ޚާޢްޞަ ފައިދާތަކަކާއި މަންފާތަކެއް ހޯދައިދިނުމަށްޓަކައި، މަދުބަޔެއްގެ އަމިއްލަ ޚާއްޞަ މަސްލަހަތުތަކެއް ރައްޔިތުންގެ ލާބަ އާއި މަންފާގެ ކުރިއަށް އަދި ޤައުމީ މަސްޢޫލިއްޔަތުގެ މައްޗަށް ނެރެގެންކަމަށް ޤަބޫލުކުރެވޭން ހުރުމުންނާއި؛
މިފަދައިން ޖުޑިޝަލް ސަރވިސް ކޮމިޝަނުން ކަންތައްތައް ކުރެއްވުމުގެ ނަތީޖާއެއްގެގޮތުން ރައްޔިތުންގެ ޙައްޤެއް ކަމުގައިވާ ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިދެވޭފަދަ ފަނޑިޔާރުގެއެއް ޤައުމާއި ރައްޔިތުންނަށް ކަށަވަރުކޮށް ނުދެވުމުގެ ސަބަބުން ރައްޔިތުންގެ ޙައްޤުތަކެއް ނިގުޅައިގަނެވޭކަމަށް ފެންނާން ހުރުމުން؛
މިކަންތައް ޖުޑިޝަލް ސަރވިސް ކޮމިޝަނުގައި ހިނގާގޮސްފައިވާގޮތް ރައްޔިތުންގެ ޙައްޤުގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާބެހޭ ކޮމިޓީން ބައްލަވައި ދެއްވައި؛ މިކަމުގައި އިޙުމާލުވެފައިވާ ފަރާތްތަކާމެދު ޤާނޫނީގޮތުން އަޅާންޖެހޭ ފިޔަވަޅެއް އަޅުއްވައި ދެއްވައި؛ ޤާނޫނާއި ޤަވާޢިދުތަކާއި، ޢަދުލް އިންޞާފުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އެންމެހައި މަސައްކަތްތައް ބައްޓަން ކުރެއްވުމަށާއި؛ ޤާނޫނުއަސާސީއާއި ޤާނޫނުގައިވާގޮތުގެމަތީން، އަމާނާތްތެރިކަމާއެކު، ޤާނޫނުއަސާސީގެ 285ވަނަ މާއްދާއިން ޖުޑިޝަލް ސަރވިސް ކޮމިޝަނާ ހަވާލުކޮށްފައިވާ ޤައުމީ މަސްޢޫލިއްޔަތު އަދާކުރުމަށް؛ އެކޮމިޝަނަށް އަމުރު ކޮށްދެއްވުން އެދި، ވަރަށް އަދަބުވެރިކަމާއެކު ދެންނެވީމެވެ.
މި ސިޓީއާއެކު ޤާނޫނުއަސާސީގެ 285ވަނަ މާއްދާގައި ބުނާ މަސްޢޫލިއްޔަތު އަދާކުރުމުގައި ޖުޑިޝަލް ސަރވިސް ކޮމިޝަނުން ކަންތައްތައް ކުރައްވާފައިގޮތް އެނގިވަޑައިގަންނަވާނޭ ލިޔެކިޔުންތަކުގެ 1 ސެޓް ފޮނުވައި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާބެހޭ ކޮމިޓީގެ އެންމެހައި މެމްބަރުންނަށް މިލިޔެކިޔުންތަކުގެ ކޮޕީ ރައްދުކޮށްދެއްވުން އެދޭ ވާހަކަވެސް ދެންނެވީމެވެ. އަދި މީގެ އިތުރުން، ކޮމިޝަނުގެ ޖަލްސާތަކުގެ ޔައުމިއްޔާތަކުގައި ބައެއް އުނިއިތުރު ހުރުމަކީ އެކަށީގެންވާކަމެއްކަން ފާހަގަކޮށް، ޖަލްސާ ތަކުގެ އޯޑިއޯ ރެކޯޑިންގް ޖުޑިޝަލް ސަރވިސް ކޮމިޝަނުގައި ހުންނާންވާނޭކަންވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
8 ޖޫން 2010
އިޚްލާޞްތެރިކަމާއެކު،
އާއިޝަތު ވެލެޒިނީ
ޤާނޫނުއަސާސީގެ 158(އ)ގެ ދަށުން
ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ މެމްބަރު
އަލްއުސްތާޛު މުޙައްމަދު މުޖުތާޒު
މިނިވަން މުޢައްސަސާތަކާބެހޭ ކޮމިޓީގެ މުޤައްރިރު
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ކޮޕީ:
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާބެހޭ ކޮމިޓީގެ މެމްބަރުން
ރައްޔިތުންގެ މަޖިލީހުގެ ރައީސް