ޤާނޫނުއަސާސީއަކާ ޤާނޫނުއަސާސީއެކެވެ.
ދައުލަތުގެފައިސާއަށް ޙިޔާނާތްތެރިވިކަމަށް އެންޓިކޮރަޕްޝަންބޯޑުން 1998ވަނަ އަހަރު ކަނޑައަޅައި ފިޔަވަޅުއަޅުއްވާފައިވާކަމަށް އެމަނިކުފާނުގެ ރެކޯޑުން ދައްކާ، މިހާރު (އިންތިޤާލީ މަރުހަލާގައި) ސުޕްރީމްކޯޓުގެ ފަނޑިޔާރު، އަދި ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ރައީސް، އަލްފާޟިލް މުޖުތާޒް ފަހުމީ ވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަނާބެހޭޤާނޫނުގެ 20ވަނަ މާއްދާގެ (ނ)އާއި ޚިލާފަށް ރިޔާސަތުގައި އިންނަވައިގެން އެމަނިކުފާނު އެމިންގަނޑަކުން ފާސްވާ ފަދަ މިންގަނޑަކުން ޤާނޫނުއަސާސީއަށް އަމަލުކުރާންފެށިއިރު ތިބި ހުރިހާ ފަނޑިޔާރުން ފާސްކުރުމަށް ނިންމަވާފައެވެ.
މި މިންގަނޑުން ފާސްވެގެންދާ ފަނޑިޔާރުންގެތެރޭގައި، ކޮމިޝަނުގެ މެމްބަރެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ފެންނާންހުރި މަޢުލޫމާތަށް ބަލާއިރު، އަޚްލާޤީގޮތުން އެންމެ ދަށުދަރަޖައިގެ އަމަލުތައް ކަމުގައި މުޖުތަމަޢުޤަބޫލުކުރާ ކަންތައްތަކެއް ކުރިކަމަށް އޭރުގެ ދުސްތޫރުގެ ދަށުން ސާބިތުވެފައިވާ، ފިޔަވަޅުއަޅާފައިވާ، އަދި އެއްގޮތަކަށްވެސް ބަލާފައިވާކަމެއް ނޭނގޭ ސީރިއަސް ތުހުމަތުތަކެއް އެމީހުންގެ މައްޗަށް އުފުލިފައިވާ، މަދު މީހުންތަކެއް ހިމެނިގެންދާނޭކަމީ ކޮންމެ ދިވެހި ރައްޔިތަކުވެސް އެކަމާ ކަންބޮޑުވާނޭކަމެކެވެ. މިބުނާ މީހުންގެތެރޭ ޚިޔާނާތާއި އިސްލާމީ ޝަރީޢަތުގައި ޙައްދެއްކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާ ފަރާތްތައް ހިމެނޭކަން ފާހަގަ ކުރެވެއެވެ.
މީގެ އިތުރުން، “އަޚްލާޤު ދަށްކަމުން” ފަނޑިޔާރުންނަށް ހަތަރުއަހަރުން ހަތަރުއަހަރުން ދެމުން އައިސްފައިވާ ކުރިއެރުން (ޕްރޮމޯޝަން) ދިނުމަށް ކުރީން މިނިސްޓްރީ އޮފް ޖަސްޓިސްއަށް ނުފެންނާތީ، އަދި މިހާރު ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ނުފެންނާތީ، ޕްރޮމޯޝަނެއް ނުދީ ފަނޑިޔާރުންގެ ގޮތުގައި 16 އަހަރު 12 އަހަރު ވެފައިވާ މީހުންވެސް ފަނޑިޔާރުންގެތެރޭ ޤާޢިމުވެގެންދާނެއެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ 285ވަނަ މާއްދާގެ ދަށުން ރައްޔިތުންނަށް ކަށަވަރުކޮށްދޭންޖެހޭ ރައްޔިތުން އިޙްތިރާމުކުރާ ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ރައްޔިތުން އިތުބާރުކުރާ ފަނޑިޔާރުގެ ރައްޔިތުންގެ ކިބައިން ނިގުޅައިގަންނަ، ޤާނޫނުއަސާސީގެ 285ވަނަ މާއްދާގެ ބާރު ކަނޑުވާލާ ނިންމުމެއްކަމާމެދު ޝައްކެއްނެތެވެ.
އަދި ކޮމިޝަނުގެ ނިންމުމަކީ، ޤާނޫނާ ޤަވާޢިދާ ޚިލާފަށް، ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީ މަޤާމުގެ ބާރާއި ނުފޫޒުން ނިންމަވާފައިވާ ނިންމުމެއްކަމާއި؛ މިކަން އެމަނިކުފާނަށް މިގޮތަށް ގެންދެވުނީ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ގިނަ މެމްބަރުން ޖުޑިޝަލް ސަރވިސް ކޮމިޝަނާބެހޭ ޤާނޫނުގެ 17ވަނަ މާއްދާގައިވާ ސުލޫކުން މަސައްކަތް ނުކުރުމުންކަމާމެދަކުވެސް ޝައްކެއް ނެތެވެ.
ޤާނޫނުއަސާސީގެ 285ވަނަ މާއްދާއިން މިވަނީ ދިވެހިރާއްޖޭގެ (އަދި ދުނިޔޭގެ އެއްވެސް ޤައުމެއްގެ؟) ދުސްތޫރީ ތާރީޚުގައި ލިބިފައިނުވާ، އަދި ކުރިއަށްއޮތްތާ އިތުރަށް ލިބިދާނޭކަމަށްވެސް ޤަބޫލުނުކުރެވޭ، ފުރުޞަތެއް ދިވެހި ދައުލަތާއި ރައްޔިތުންނަށް ލިބިދީފައެވެ. އެހެންނަމަވެސް، ޤާނޫނުއަސާސީއިން ލިބިދީފައިވާ 2 އަހަރު ދުވަހުގެ މުއްދަތު ހަމަވާން 2 މަސްދުވަހަށްވީއިރު މި ފެންނަނީ ޖުޑިޝަލް ސަރވިސް ކޮމިޝަނުން ޤާނޫނުއަސާސީގެ ބާރު ކަނޑުވާލާތަނެވެ.
ޤާނޫނުއަސާސީ ބަޔާންކުރާ ދިވެހިރާއްޖޭގެ 3 ބާރުވަކިވެފައިވާ ވެރިކަމުގެ ނިޒާމުގެތެރޭ މުސްތަޤިއްލު މުޢައްސަސާއެއްވިޔަސް ޚުދުމުޚުތާރު ވުމުގެ ފުރުޞަތެއް ދެވިގެން ނުވާނެއެވެ. ޑިމޮކްރަޓިކް ވެރިކަމެއްގައި 3 ބާރުވެސް ޖަވާބުދާރީ ވާންޖެހެނީ ރައްޔިތުންނަށެވެ. އަދި ދައުލަތުގެ ބާރުތަކަށް ފާރަވެރިވާ މުސްތަޤިއްލު ކޮމިޝަންތައްވެސް ޖަވާބުދާރީ ވާންޖެހެނީ ރައްޔިތުންނަށެވެ.
ރައްޔިތުންގެ ފަރާތުން ޖުޑިޝަލް ސަރވިސް ކޮމިޝަން ޖަވާބުދާރީ ކުރުވުމުގެ ބާރު ހަމަ ޔަޤީނުންވެސް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެއެވެ. އަދި ޤާނޫނުއަސާސީގެ 285ވަނަ މާއްދާއާމެދު ޖުޑިޝަލް ސަރވިސް ކޮމިޝަނުން އަމަލުކޮށްފައިވާގޮތް ތަޙްޤީޤުކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާބެހޭ ކޮމިޓީއަށް ލިބިގެންވެއެވެ.
ޤާނޫނުއަސާސީގެ 285ވަނަ މާއްދާއިން ޖުޑީޝަލް ސަރވިސް ކޮމިޝަނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގައި ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ބާރުތައް ލިބިގެންވާ ކޯޓުތަކަކީ، ދިވެހި ޤައުމާއި ރައްޔިތުންނަށް އަދުލުވެރި، ޤާބިލު ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ކޯޓުތަކެއްކަން ކަށަވަރުކޮށްދިނުންކަމަށް ޤަބޫލުކުރެވޭ ހިނދު؛ ރައްޔިތުންގެ ލާބަ އާއި މަންފާގެ ކުރިއަށް އަމިއްލަ މަސްލަހަތު ނެރުއްވައި ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަންތައްތައް ކުރައްވާފައިވާ، އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ގޮތަކީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ.
ދިވެހި ރައްޔިތުންނާ ދިވެހި ޤައުމަށް ފައިދާހުރިގޮތެއްވެސް ނޫނެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ނަގަހައްޓާގޮތެއްވެސް ނޫނެވެ. އަދި، ދިވެހިރައްޔިތުން ބަލައިގަންނާނޭ ކަމެއްވެސް ނޫނެވެ.