ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ނަމުގައި 26 މެއި 2010ގެ ތާރީޚުގައި ނެރެފައިވާ ނޫސްބަޔާނާއިގުޅޭ

ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ނަމުގައި ކޮމިޝަނުގެ ރައީސް 26 މެއި 2010ގެ ތާރީޚުގައި ނެރުއްވާފައިވާ ނޫސްބަޔާނަކީ JSC President\'s Press Release 26 May 2010ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެމަތީން ކޮމިޝަނުގައި މަޝްވަރާކޮށް ނެރުއްވާފައިވާ ނޫސްބަޔާނެއް ނޫންކަމުން، މިއީ ޤާނޫނާ ޤަވާޢިދާ ޚިލާފަށް ކޮމިޝަނުގެ ރައީސް އަލްފާޟިލް މުޖުތާޒު ފަހުމީ ނެރުއްވާފައިވާ ބަޔާނެއްކަން ފާހަގަކޮށް ދަންނަވަމެވެ.

1. 07 އޯގަސްޓް 2008 ގައި ޤާނޫނުއަސާސީ (2008)އަށް ޢަމަލުކުރަންފެށިއިރު ފަނޑިޔާރު ކަމުގެ މަޤާމުގައި ތިބި މީހުންގެ ކިބައިގައި ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވޭތޯ ނުވަތަ ނޫންތޯ ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގައި ބަޔާންކުރާގޮތުގެ މަތިން ބަލާނެ މިންގަނޑެއް ނުވަތަ އުސޫލެއް ކޮމިޝަނުން ފާސްވެނިމުނީ ކަމަށް ކޮމިޝަނުގެ ރައީސް ވަނީ 11 މެއި 2010ގައި ނިންމަވާފައެވެ. އެހެންނަމަވެސް، އެއީ މިކަމުގައި ހުރިހާ މެމްބަރުން އެއްބަސްވުމަކުންނޫނެވެ.

2. ކޮމިޝަނުން މިންގަނޑު ކަނޑައެޅީކަމުގައި ވިދާޅުވިއިރު އިތުރަށް މަޝްވަރާއަށް މެމްބަރުން ހުށަހަޅާފައިވާ ހުށަހެޅުންތައް މަޝްވަރާކުރުމަށް ފުރުޞަތު ނުދެއްވިތާ، އެ ކަންކަން މަޝްވަރާ ކުރުމެއްނެތި ވޯޓަކަށް ދިޔުމަށްވެސް ކޮމިޝަނުގެ ރައީސް ވަނީ އިންކާރު ކުރައްވާފައެވެ.

3. ޤާނޫނު އަސާސީއަށް ޢަމަލު ކުރަން ފެށިއިރު ފަނޑިޔާރުކަމުގެ މަޤާމުގައި ތިބި މީހުންގެ ކިބައިގައި ޤާނޫނު އަސާސީގެ 149ވަނަ މާއްދާގެ (ހ)ގައިވާ ޝަރުޠުތައް ހަމަވޭތޯ ބެލުމުގައި ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ ހަމަތަކުން ނިންމާފައިވާ ނިންމުމެއްކަމަކަށް، އަދި ރައްޔިތުންގެ ލާބައާއި މަންފާ އަށް އިސްކަންދީގެން ނިންމާފައިވާ ނިންމުމެއްކަމަކަށް، އަދި ޤައުމީ ޤާނޫނުއަސާސީ ދިރުވާ ނިންމުމެއް ކަމަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ.
މީގެ އިތުރުން، 26 މެއި 2010ގެ ތާރީޚުގައި ނެރެފައިވާ ނޫސްބަޔާނުގެ ފަހު 5 ފެރެގްރާފަކީ ކޮމިޝަނުގައި މަޝްވަރާކުރެވިފައިވާކަންތައްތަކެއް ނޫންކަމުން ޤަބޫލުކުރެވެނީ މިއީ ކޮމިޝަނުގެ ރައީސް އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީގެ އަމިއްލަފުޅު ވިސްނުންފުޅުކަމަށެވެ.

4. ކޮމިޝަނުގެ ނިންމުމާ ގުޅިގެން ޝަރުޢީ ދާއިރާގެ ހުރުމަތް ކަނޑައި ފަނޑިޔާރުންގެ ޢިއްޒަތާއި ކަރާމާތް ނަގާލުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކުރާކަމެއް ކޮމިޝަނުގެ ސަމާލުކަމަށް ކޮމިޝަނުގެ ރައީސް ގެންނަވާފައެއްނުވެއެވެ. އަދި ކޮމިޝަނުގައި މިފަދަ މައްސަލައެއް އެޖެންޑާ ކުރައްވައި މަޝްވަރާ ކުރައްވާފައެއްވެސް ނުވެއެވެ.

5. ޖުޑިޝަލް ސަރވިސް ކޮމިޝަން 26 ޖުލައި 2009ގައި އުފައްދަވައި ކޮމިޝަނުގެ އިންތިޤާލީ މަރުހަލާ ނިމުމަކަށް އައިއިރު، (ހައިކޯޓު 3 ފަނޑިޔާރުންގެ ޤަރާރަކުން ޖުޑިޝަލް ސަރވިސް ކޮމިޝަނުން ވަކިކުރެއްވި ހައިކޯޓުގެ އިސްފަނޑިޔާރު އަދި) ކުރީގެ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުގެ އިސްނެންގެވުމަކަށް “ޤާނޫނުއަސާސީގެ 285ވަނަ މާއްދާގައިވާ ގޮތުގެމަތީން މިހާރު ވަޒީފާގައިތިބި ފަނޑިޔާރުން އަލުން އައްޔަނުކުރުމާއިބެހޭ ޤަވާޢިދު” ގެ ނަމުގައި ޑްރާފްޓެއް ތައްޔާރުކުރައްވާފައިވެއެވެ. އަދި، 26 އޯގަސްޓް 2009ގައި ޖުޑިޝަލް ސަރވިސް ކޮމިޝަނުންވަނީ މި ޑްރާފްޓްބަލައި ކޮމިޝަނުގެ މަޝްވަރާއަށް މިންގަނޑެއް ތައްޔާރުކޮސް ގެނައުމަށް ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި އޭރުތިއްބެވި 3 ފަނޑިޔާރުންނާ ހަވާލުކުރައްވާފައެވެ. އެއީ، ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒް ފަހްމީ އާއި ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލް ޣަނީ މުޙައްމަދުއާއި، ދަށުކޯޓުތަކުގެ ފަނޑިޔާރު އަލްފާޟިލް ޢަބްދުﷲ ދީދީ އެވެ.

6. 26 އޯގަސްޓް 2009ން 21 ފެބްރުއަރީ 2010ށް ވެއަތުވެދިޔަ ގާތްގަނޑަކަށް 6 މަސްދުވަހުގެތެރޭ ބޭއްވުނީ 3 ފަނޑިޔާރުންގެ ކޮމިޓީގެ ފުރިހަމަ އެއް ބައްދަލުވުމެވެ. ދެވަނަ ބައްދަލުވުމުގައި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒް ފަހްމީ ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އަދި އެއަށްފަހު އެކޮމިޓީގެ މަސައްކަތެއްވެސް ކޮމިޝަނަކަށް ނުގެންނަވައެވެ.

7. އަލްއުސްތާޛު ޢަބްދުލް ޣަނީ މުޙައްމަދު ޖުޑިޝަލް ސަރވިސް ކޮމިޝަނުން ވަކިކުރުމާއެކު ވަގުތީގޮތުން ރިޔާސަތާ ހަވާލުވެވަޑައިގަންނަވައި 21 ފެބްރުއަރީ 2010ގައި ކުރީން ކޮމިޓީއަކާ ހަވާލުކުރައްވާފައިވާ މަސައްކަތަކަށް އައު ކޮމިޓީއެއް އެކުލަވާލެއްވިއިރު ކުރީ ކޮމިޓީގެ މަސައްކަތް ކޮބައިތޯ ކޮމިޝަނުން ބައްލަވާފައެއް ނުވެއެވެ.

8. 21 ފެބްރުއަރީ 2010ގައި އެކުލަވާލެއްވި “285 މިންގަނޑު ކޮމިޓީ”ގައި ހިމެނިވަޑައިގަންނަވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. މުޙައްމަދު ލަތީފު (މުޤައްރިރު)، ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ، ދަށުކޯޓުތަކުގެ ފަނޑިޔާރު އަލްފާޟިލް ޢަބްދުﷲ ދީދީ އަދި ކޮމިޝަނުން ބޭރުން ކުޑަކުދިންނާބެހޭކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސައުން ޒަކަރިއްޔާ އާއި މަދަނީކޯޓުގެ ފަނޑިޔާރު އަލްފާޟިލް ޢަބްދުﷲ ޢަލީއެވެ. މި ކޮމިޓިން 3 ދުވަހުގެތެރޭ، ދުވާލަކު ދޮޅުގަޑިއިރުގެ މަޝްވަރާއިން މިންގަނޑު ކަނޑައެޅުއްވިއިރު ކުރީ ކޮމިޓީއިން ކުރައްވާފައިވާ މަސައްކަތަކަށް އަދި އޭރު ހުށަހެޅިފައިވާ އެއްވެސް ހުށަހެޅުމަކަށް ރިޢާޔަތްކުރައްވާފައެއް ނުވެއެވެ. ޤާނޫނުއަސާސީގެ މަޤްޞަދާއި ރޫހަށް އަދި ޤާނޫނުއަސާސީގެ 285ވަނަ މާއްދާގެ މަޤްޞަދަކަށްވެސް ވިސްނާވަޑައިގެންފައެއް ނުވެއެވެ. އަދި ކުރީންވެސް ފާހަގަކޮށްފައިވާ ފަދައިން، މި ކޮމިޓީގެ ރިޕޯޓް ކޮމިޝަނަށް ބަލައިގަތުމާއެކު އިތުރަށް މިންގަނޑަށް މަޝްވަރާކުރުމުގެ ފުރުޞަތެއް ކޮމިޝަން މެމްބަރުންނަކަށް ކޮމިޝަނުގެ ރައީސް އަލްފާޟިލް މުޖުތާޒު ފަހުމީއެއް ނުދެއްވައެވެ.

9. ޖުޑިޝަލް ސަރވިސް ކޮމިޝަން ރޭވި ހިނގަމުންދަނީ އެ ކޮމިޝަނުގެ ޤާނޫނީ މަސްޢޫލިއްޔަތުތައް އެކަށީގެންވާގޮތަކަށް އަދާކުރެވޭނޭގޮތަކަށް ނޫނެވެ. އަދި ކޮމިޝަނުގެ މެމްބަރުން މެމްބަރުކަމުގެ ޤާނޫނީ މަސްޢޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅޭ ގޮތަށެވެ.
(މިގޮތުން، މި ވަގުތު ކޮމިޝަނުގެ ރައީސްގެ މަޤާމުގެ އިތުރުން މިހާރުވެސް މަސައްކުރާ ކޮމިޝަނުގެ ދާއިމީ 2 ކޮމިޓީގެ ވެސް ރައީސަކަށް ހުންނަވާ ސުޕްރީމްކޯޓުގެ ފަނޑިޔާރު ވަޑައިނުގަނެ، އެހެންފަރާތަކާ ރިޔާސަތު ހަވާލުނުކުރެއްވުމުގެ ސަބަބުން 1 މެއި 2010ން މިއަދާހަމައަށް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައްބަލާ ކޮމިޓިގެ ބައްދަލުވުމެއް ބޭއްވިފައިނުވާކަން ފާހަގަކުރަމެވެ. އަދި ކޮމިޝަން ހިންގަވަމުން ގެންދަވަނީ ކޮމިޝަނުގެ ރައީސް ދެއްވާ މަޢުލޫމާތެއް ނޫނީ ކޮމިޝަނުގެ މެމްބަރުންނަށް ނުލިބޭގޮތަށްކަމުންނާއި؛ ކޮމިޝަނުގެ ޤަވާޢިދުގައިވާގޮތުގެ މަތީން އެޖެންޑާގައިވާ ކަންތައްތަކާބެހޭ ލިޔެކިޔުންތަކާއި އަދި ޔައުމިއްޔާތައް ކޮމިޝަނުގެ މެމްބަރުންނަށް ޤަވާޢިދުން ލިބެމުންނުދިޔުމަކީ ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މަސައްކަތުގެތެރޭ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަންވެސް ފާހަގަކުރަމެވެ.)

ވީމާ، ޤާނޫނުއަސާސީގެ 285ވަނަ މާއްދާގައިވާ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކުރުމަކީ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ރައީސްގެ މަޤާމުގައި މިވަގުތު ހުންނެވި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީ އަމިއްލަ މަސްލަހާ ތަޢާރުޒުވާކަމެއްކަން އެމަނިކުފާނުގެ ރެކޯޑުން ފެންނާންހުރިއިރު އެކަމަށް އިންކާރުކުރައްވައި ރިޔާސަތުގައި އިންނަވައިގެން މަޤާމުގެ ބާރާއި ނުފޫޒުން ޤާނޫނުއަސާސީގެ 285ވަނަ މާއްދާއަށް ކޮމިޝަނުގެ މެމްބަރުން މަޝްވަރާކުރުމަށް ފުރުޞަތުނެދެއްވައި މިންގަނޑު ކަނޑައެޅުއްވި ކަމާއި؛ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޖަލްސާތަކުގެ ހިންގާ ޤަވާޢިދުގެ 4ވަނަ މާއްދާގެ (ރ) އާއި ޚިލާފަށް، އަދި ޤާނޫނުއަސާސީގެ 163ވަނަ މާއްދާއާ ޚިލާފަށް، ކޮމިޝަނުގެ ބަހެއްނެތި، ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ރައީސްގެ މަޤާމުގައި މިވަގުތު ހުންނެވި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީ މަޤާމުގެ ބާރާއި ނުފޫޒުން ކޮމިޝަނުގެ ނަމުގައި 26 މެއި 2010ގައި ނޫސްބަޔާނެއް ނެރުއްވިކަމާމެދު އަޅުގަނޑު ހިތާމަކުރަމެވެ. ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ރައީސްގެ މަޤާމުގައި މިވަގުތު ހުންނެވި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްފާޟިލް މުޖުތާޒު ފަހުމީގެ މިފަދަ ޢަމަލުތަކުގެ ސަބަބުން ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ އަދި މުޅި ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަމާމެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެދި، ޝަރުޢީދާއިރާގެ ހައިބަތު ގެއްލޭނޭކަމީ އިންތިހާއަށް ކަންބޮޑުވާކަމެކެވެ.

އަޅުގަނޑު ޤަބޫލުކުރާގޮތަކީ، އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ނަގަހައްޓާ ޑިމޮކްރަސީގެ ހަމައާއި އުޞޫލަކީ ވެސް، ޒިންމާ އުފުލައި، ހާމަކަމާއެކު މަސްޢޫލިއްޔަތު އަދާކޮށް، އަމަލީގޮތުން ރައްޔިތުންނަށް ޖަވާބުދާރީވުމެވެ. ޖުޑިޝަލް ސަރވިސް ކޮމިޝަނަށް، އަދި އެއާއެކު ފަނޑިޔާރުގެއާއި ފަނޑިޔާރުންނަށް ވެސް، ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބޭނީ ޖުޑިޝަލް ސަރވިސް ކޮމިޝަނަކީ ތިންބާރުންވެސް ވަކިވެފައިވާ މުސްތަޤިއްލު ކޮމިޝަނެއްކަން ބަހާއި އަމަލުން ދައްކައި ރައްޔިތުންނަށް ކަށަވަރުކޮށްދީގެންނެވެ. ޤާނޫނީސަނަދުގެ ނިވަލުގައި އަމިއްލަ ފިކުރާ ޚިޔާލުން، އަމިއްލަ މަސްލަހަތަށް ކަންކަން ނިންމެވުމުގެ ބަދަލުގައި ޤައުމީ މަސްޢޫލިއްޔަތާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަބަދުމެ އިސްކޮށް، އެމަގުން މަސައްކަތްކޮށްގެންނެވެ. ޤާނޫނުއަސާސީ އާއި ޤާނޫނަށް އަމަލުކޮށްގެންނެވެ.

30 މެއި 2010 (އާދީއްތަ)

އިޚްލާޞްތެރިކަމާއެކު

އާއިޝަތު ވެލެޒިނީ
ޤާނޫނުއަސާސީގެ 158 (އ)ގެ ދަށުން
ރައީސުލްޖުމްހޫރިއްޔާ ޖުޑިޝަލް ސަރވިސް ކޮމިޝަނަށް
ކަނޑައަޅުއްވާފައިވާ މެމްބަރު

Advertisement

3 Comments

Filed under Uncategorized

3 Responses to ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ނަމުގައި 26 މެއި 2010ގެ ތާރީޚުގައި ނެރެފައިވާ ނޫސްބަޔާނާއިގުޅޭ

  1. velezinee

    މިހާރު ކޮމިޝަނުން ފާސްކުރިކަމަށް އެބުނާ މިންގަނޑަކީ ޤާނޫނުއަސާސީއާއި ޤާނޫނުގައިވާމަތީން ފާސްކޮށްފައިވާ މިންގަނޑެއް ނޫންކަމުންނާއި؛ އެ މިންގަނޑަކީ ޤާނޫނުއަސާސީއަށް މަލާމާތް ރައްދުކުރާ ނިންމުމެއްކަމުން، އެ މިންގަނޑުން އެއްވެސް ބެލުމެއް ބެލުމުގެ ކުޑަވެސް ބޭނުމެއް އޮތް ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ. އަދި މި މިންގަނޑުން ބަލައި ފަނޑިޔާރުގޭގެ ބިންގާ އެޅުންވެގެންދާނީ ޤައުމާއި ރައްޔިތުންނަށް ލިބޭންއޮތް ފައިދާއަކާ މަންފާއަކުން މަޙްރޫމުކޮށް ރައްޔިތުންނަށް އޮޅުވާލައި ޤައުމަށް ޚިޔާނާތެރިވުންކަމަށް.
    ކޮމިޝަނުގައި އުފެދިގެންއުޅޭ މައްސަލައަކީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަދި މިވަގުތު ކޮމިޝަނުގެ ރައީސް އަލްފާޟިލް މުޖުތާޒު ފަހުމީ ޚުދުމުޚުތާރުގޮތުގައި ޤާނޫނާ ޤަވާޢިދަށް ބެލުމެއްނެތި، މަޤާމުގެ ނުފޫޒުން، އެމަނިކުފާނުގެ އަމިއްލަ މަސްލަހަތު އިސްކޮށް ހިތުހުރިގޮތަކަށް ކަންތައްތައް ގެންދެވުމުގެ މައްސަލަ. އަދި އެމަނިކުފާނު މިގޮތަށް ކަންތައްތައް ގެންދެވިއިރު މިކަން ނުފެންނަކަމަށް ހަދައިގެން ތިއްބަވައި، ކޮމިޝަނުގެ ރައީސް އަލްފާޟިލް މުޖުތާޒު ފަހުމީ ޚުދުމުޚުތާރު ވުމަށް ފުރުޞަތު ދިނުމުގައި ކޮމިޝަނުގެ ގިނަ މެމްބަރުންތަކަކަށް ބައިވެރިވެވިފައިވުމުން ދިމާވެގެންއުޅޭ މައްސަލަ. ޤާނޫނުއަސާސީގެ 285ވަނަ މާއްދާއިން ހަވާލުވެފައިވާ ބޮޑު ޤައުމީ މަސްޢޫލިއްޔަތު އެގޮތުގައި ދެނެގަނެ ބޮޑު މަންޒަރު ދެކިގެން ޖުޑިޟަލް ސަރވިސް ކޮމިޝަނާބެހޭ ޤާނޫނުގެ 17ވަނަ މާއްދާގައި ބުނާ ސުލޫކު ހިފަހައްޓައި އެގޮތުގައި ކޮމިޝަނުން މަސައްކަތް ކުރުމަށް ކޮމިޝަނުގެ މެމްބަރުން ފަސްޖެހިފައިވާ މައްސަލަ…
    އަދި، ޖުޑިޝަލް ސަރވިސް ކޮމިޝަނަކީ އެއްވެސް ފަރާތަކަށް ޖަވާބުދާރީ ނުކުރެވޭ މުޢައްސަސާއަކަށް ވެފައިވާ މައްސަލަ.
    ޤާނޫނުއަސާސީ 2008ށް އަމަލުކުރާންފެށުމުގެ ކުރީން ފަނޑިޔާރުކަމަށް އައްޔަނުކޮށްފައިވާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ފަނޑިޔާރުކަމުގެ ޝަރުތު ފުރިހަމަ ކުރެވޭނޭފަރާތައް ކަން ކަށަވަރު. އަދި މީގެ ތެރެއިން ގިނަ މީހުންނަކީ ފަނޑިޔާރެއްގެ ކިބައިގައި ހުންނާންވާނޭ ރިވެތި އަޚްލާގެއްގެވެރިންކަންވެސް ކަށަވަރު.
    އެހެންނަމަވެސް، ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިބި އެންމެންނަކީ އެފަދަ ބަޔެއް ނޫންކަން ފެންނާންހުރިއިރު، އެކަން ރައްޔިތުންނަށް ސިއްރުކޮށް ފަނޑިޔާރުގޭގައި ތިބީ ފަނޑިޔާރުކަމުގެ ޝަރުތުފުރިހަމަވާ ޤާބިލު، ތެދުވެރި، ޢަދުލުވެރި ފަނޑިޔާރުންނެކޭ ނުބުނެވޭނެ…
    އެހެންކަމުން، ފަނޑިޔާރުންވެސް މި ދަނޑިވަޅު އިސްކަންދޭންވީ ފަނޑިޔާރުގެއިން މިފަދަ ފަރާތްތައް ދުރުކޮށް؛ ފަނޑިޔާރުންނާއި ފަނޑިޔާރުގެއަށް ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ހޯދުމަށް. ފަނޑިޔާރުގޭގެ އަގުހިފެހެއްޓުމަކީ ފަނޑިޔާރުންގެ ކިބައިން ޚިޔާނާތާއި ދަށުދަރަޖައިގެ އަމަލުތަކަށް ފުރުޞަތު ނުދިނުމަށް ހަމަ ކޮންމެ ފަނޑިޔާރަކުވެސް މަސައްކަތް ކޮށްގެން.

  2. abualyf

    ތިޔަ ފަރާތްތަކުގެ މެދުގައި އުފެދިފައިވާ ރުޅިވެރިކަމަކާއި ދެކޮޅުވެރިކަމުގެ ޢަދަބް މިދާއިރާގައި އިޚްލާސްތެރިކަމާއި ތެދުވެރިކަމާއި އެކު މަސައްކަތް ކުރަމުންދާ ފަރާތްތަކަށް އަސަރު ކުރިޔަ ނުދިނުމަށް ޢިލްތިމާސް ކުރަން. ގިނަ ފަނޑިޔާރުންނަކީ ތެދުވެރި އިޚްލާސްތެރި ބައެއް، އަދި މިހާރު ކޮމިޝަނުން ފާސްކޮށްފައިވާ ޤަވާއިދާއި އެއްގޮތަށް ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބަލާ ނިންމުމަށް ފަހު ފަނޑިޔާރުން އައްޔަން ކުރުން އަވަސްކުރުމަށް ގޮވާލަން.

  3. އަފީފާ

    ތިކުރައްވަނީ ވަރަށް ވެސް ރަގަޅު މަސައްކަތެއް އެކަމަކު ކުރިއަށް އޮތް ސުޕްރީމު ކޯޓުގެ ބެއްޗަށް ކިހެނެތް ވާނެބާއޭ އަޅުގަނޑު ހިތަށް އަރައެވެ. ވަރަށް ވިސްނުން ތެރިކަމާއި އެކުގައި މިކަށް ކުރާނެކަމަށް އަޅުގަނޑު ދެކެމެވެ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s